ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުން އަވަސް ކުރުމަށް ސިފައިންނާ ހަވާލުކުރި މަސައްކަތް ޢަމަލީގޮތުން މިއަދު ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި މަސައްކަތަކީ، މާލޭގައި ޚިދުމަތް ދެމުން އަންނަ ތެލެސީމިއާ ސެންޓަރު ވަގުތީގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުން އަވަސް ކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒު އެދިލެއްވުމުގެ މަތިން ޤައުމީ މަސައްކަތެއްގެ ގޮތުގައި އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތް ޢަމަލީގޮތުން ސިފައިން ފެށިއިރު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފަ އެވެ.
ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން މިއަދު ފެށި މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސަރވިސް ކޯރގެ ބެލުމުގެ ދަށުންނެވެ.
އެގޮތުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސްއާ އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްއިން ކުރަމުންދާ އިރު، މަސައްކަތުގެ އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ.
އެ އިމާރާތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ވަނީ އަމާޒު ހިފާފަ އެވެ.