ރޯދަމަހުގެ ދުވަސްތަކުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި އިސްލާމްދީނަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާއެކު" މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އަންނަ އަހަރުން ފެށިގެން ރަމަޟާން މަހު ސްކޫލްތައް ބަންދުކުރެވޭތޯ ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުވުމުން، ރޯދަމަހުގައި ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށެވެ. އެ 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެން މަސްތަކުގެ ހަ ދުވަހުގެ ކިޔަވައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ، ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުގައި އެދިފައިވަނީ މަދު ވަގުތުތަކަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީ ކަމަށެވެ.
މީގެ އިތުރަށް ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިން ވެސް ބައެއް މުދައްރިސުން އާންމު މަސްތަކާ ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ރޯދަމަހުގެ ދުވަސްތަކުގައި އާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިން ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން ސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
މީގެ އިތުރަށް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް ގެންދެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޝަފީއު ވަނީ އެފަދަ ބަދަލެއް ގެނައި ނަމަވެސް، ބައިނަލްއަގުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންގެ ކިޔެވުން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.