Last Updated: April 2, 13:34
Wednesday, April 2, 2025
ޚަބަރު

ބިންހެލުމާ ގުޅިގެން ރައީސްގެ ތައުޒިޔާ ތައިލެންޑަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި އަދި އެ ސަރަޙައްދުގެ އެތައް ބައެއްގެ ފުރާނަގެއްލި، ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާތީ، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންޓާން ސިނޮވަޓްރަ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި ވަނީ، އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުންލިބުނު މީހުންނަށް އިޚްލާސްތެރިކަމާއެކު ޙަމްދަރުދީ ފޮނުއްވާފަ އެވެ. އަދި ގެއްލިފައިވާ މީހުން ހެޔޮޙާލުގައި ތިއްބާ ފެނުމަށާއި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން ރައީސް ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާ އަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެގައުމުގެ ވެރިރަށް ނޭޕިޑޯގެ މަގުތައް ހަލާކުވެ، އިމާރާތްތަކަށް ގެއްލުންވެފައި ވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ބިންހެލުމުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ވެސް ކޮށްފައިވާއިރު، ބެންކޮކްގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އޭގެ ތެރޭގައި ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ބިންހެލުމުގައި މިޔަންމާ އިން 180 މީހަކު މަރުވެފައިވާއިރު ބެންކޮކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ