މިދިޔަ ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި 202 މައްސަލައިގެ ތެރެއިން 86 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި، އެ ބާވަތުގެ 27 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި ޖިސްމާނީ އަނިޔާގެ 20 މައްސަލަ އާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ އާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 9 މައްސަލަ އާއި ޖިންސީ ހާނިއްކައިގެ 8 މައްސަލައެއް ހިމެނެ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 140 ކަމަށް އާއިލީ ވުޒާރާއިން ބުންޏެވެ. އަދި އެ މުއްދަތުގައި ދައުލަތަށް އަލަށް އެއް ކުއްޖަކު ނަގާފައިވާއިރު، 7 ކުއްޖަކު އާއިލާއަށް ރީއިންޓާގްރޭޓްކޮށް، ދެ ކުއްޖަކު ފޮސްޓާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.