Last Updated: April 1, 23:32
Tuesday, April 1, 2025
ދުނިޔެ

ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން 200 މަރު

މިއަންމާ އާއި ތައިލެންޑަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް އަރައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފަ އެވެ. އެގޮތުން މިއަންމާ އިން 181 މީހަކު މަރުވެފައިވާއިރު، ތައިލެންޑުން ވަނީ 32 މީހަކު މަރުވެފަ އެވެ. އަދި 1،500 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު އިމާރާތްތަކުގެ ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއަންމާ އަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެގައުމުގެ އެކި ސިޓީތަކުގެ މަގުތައް ހަލާކުވެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި މިއަންމާގެ އެންމެ ބޮޑު ދެ ސިޓީން ކަރަންޓު ކެނޑިފައިވާއިރު މިއަންމާގައި އޮތް އަސްކަރީ ސަރުކާރުން ވަނީ ކައިރި ގައުމުތަކުގެ އެހީތެރިކަމަށް އެދިފަ އެވެ.

މި ބިންހެލުމުގެ ތައިލެންޑުގެ ބެންކޮކްގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އޭގެ ތެރޭގައި ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބެންކޮކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފަ އެވެ.