Last Updated: November 25, 12:52
Monday, November 25, 2024
ޚަބަރު

އެމްޑީޕީ އިން އައްޑޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ

އެމްޑީޕީ އިން އައްޑޫ ސިޓީގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން. ފޮޓޯ: ކިޔުންތެރިއެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބޮޑު ޖަލްސާއެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އައްޑޫ އެމްޑީޕީ އައްޑޫ ދާއިރާ އިން ބުނެފިއެވެ.

އެމްޑީޕީގެ އައްޑޫ ދާއިރާގެ ރައީސް އަހްމަދް އަދުހަމް، 'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެ ޕާޓީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ ރޭ ބޭއްވި، އައްޑޫ ސިޓީގައި ހަރަކާތްތެރިވާ އެޕާޓީގެ އިސްބޭފުޅުންގެ ބައްދަލުވުމަކަށް ފަހު ކަމަށެވެ.

އަދުހަމް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ހިތަދޫގައި ކަމަށާއި އެ ޖަލްސާއަށް ފަހު ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އެޕާޓީގެ އައްޑޫ ދާއިރާގެ ފަރާތުން މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ އިން އެމްޑީޕީގެ ފިކުރު ފޮހެވިގެން ގޮސްފައިވާކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާތީ އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން އަދުހަމް ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީ އެމްޑީޕީގެ މެންބަރުންގެ އަދަދު މަދު ނުވާކަން މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ވަަރަށް ރަނގަޅަށް ސާބިތުވެގެންދާނެ ކަމަށެވެ.

" އައްޑޫގައި އެމްޑީޕީގެ ހަރަކާތްތައް މަޑުޖެހިފައި ވަނީ މާލޭގައި ވެސް އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތައް މެދު ކަނޑާލުމާއި ގުޅިގެން. " އަދުހަމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ބާއްވާ ބޮޑު ޖަލްސާގައި އައްޑޫގެ ހުރިހާ ރަށަކުން އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކުން ބައިވެރިވާނެކަމަށާއި އަދި އެ ޖަލްސާގައި އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އަދުހަމް ވިދާޅުވިއެވެ.