މި މަހުގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މީހާ ހައްޔަރުކޮށްފި އެވެ.
އޭނަގެ ގަޔަށް ކަޅުތެޔޮ ޖެހީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި ގެންދިޔަ މުޒާހަރާއަކަށް ފަހު އެ ރޭ ދަންވަރު އޭނާ ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް، 20، އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނަގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމާއި އިންޒާރު ދިނުމުގެ ތުހުމަތެވެ.
ރިޝްމާހު ބަންދަށް އިއްޔެ ރޭ ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އޭނަ އަކީ ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ރޭވުމުގައި އުޅޭކަމަށް ފުލުހުން ކުރި ތުހުމަތުތަކަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ވެސް ހައްޔަރުކުރި މީހެކެވެ.