Last Updated: April 1, 23:32
Tuesday, April 1, 2025
މުނިފޫހިފިލުވުން

ރާޝާގެ ދެވަނަ ފިލްމު ކާތިކާ އެކު

ކާތިކް އާރިއަންގެ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ދެވަނަ ބައިގެ އެއް ބަތަލާއަކަށް ރާޝާ ތަޑާނީ ނަގަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި މަހުގެ ތެރޭގައި 20 އަހަރު ފުރުނު ރާޝާ އަކީ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅެވެ. ރާޝާ ބޮލީވުޑަށް ތައާރަފުވީ މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި "އާޒާދު" އިންނެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "ޕަތީ ޕަތުނީ އޯރް ވޯ 2" ގެ އަށް ހުނަރުވެރި، އުންމީދީ ބަތަލާ ނަގަން ފިލްމުގެ ޓީމުން ނިންމީ އެ ފިލްމަށް ސްރީލީލާ ނަގަން ނިންމާފައި ވަނިކޮށް ކަމަށެވެ.

ނަމަވެސް އޭނަގެ ބަދަލުގައި ރާޝާ އަށް ފުރުސަތު ދޭން ނިންމީ ކާތިކާ އެކު، ސްރީލީލާ މިހާރު އެހެން ފިލްމެއްގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށް މީޑިއާތަކުން ބުންޏެވެ. އެ ފިލްމަކީ "ޕަތީ ޕަތުނީ އޯރް ވޯ 2" ވެސް ޕްރޮޑިއުސްކުރާ ބުޝަން ކުމާރުގެ ޓީ ސީރީޒަށް އަނޫރާގް ބާސޫ ޑައިރެކްޓްކުރާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

އޭގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، ސިނަމާތަކަށް ފިލްމު ގެންނަން ނިންމާފައި އޮތީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ނަން އަދި އިއުލާން ނުކުރާ ފިލްމުގައި ކާތިކާއި ސްރީލީލާ އެކީގައި އަލަށް މަސައްކަތްކުރާ އިރު، އެ ދެ މީހުންނަކީ މިހާރު ދެ ލޯބިވެރިން ކަމަށް ވެސް އަޑުއަރާފައިވެ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" އަކީ މިދިޔަ އަހަރު "ކޭލް ކޭލް މޭ" ގެނެސްދިން ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ ފިލްމެކެވެ. އޭގައި ކާތިކާ އެކު ބަތަލާއިންގެ ރޯލު ކުޅުނީ އަނަންޔާ ޕާންޑޭ އާއި ބޫމީ ޕިޑްނޭރެކެވެ. މީޑިއާތަކުން ބުނީ ފިލްމުގެ ދެވަނަ ބައިގައި ވެސް ބޫމީ ހިމެނޭ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ "ޕަތީ ޕަތުނީ އޯރް ވޯ 2" ގެ ކާސްޓަށް ރާޝާ ގެންނަން ނިންމި އިރު، އޭނަގެ މަންމަ ރަވީނާ މި ފިލްމުގެ ރޯލެއް ކުޅޭނެ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާކަމެވެ. ނަމަވެސް ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރާތީ ކާސްޓާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް މުޅިއަކުން ކަށަވަރެއް ނުވެ އެވެ.