ބޮލީވުޑްގެ ތަރި، ސައިފް އަލީ ޚާންގެ އާ ފިލްމު "ޖުވެލް ތީފް: ދަ ހެއިސްބ ބިގިންސް" އަންނަ މަހުގެ 25 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
މި ފިލްމަކީ ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި، މާފްލިކްސް ފްލިކްސް ޕިކްޗާސްއިން ގެނެސްދޭ ދެވަނަ ފިލްމެވެ. އޭނަ ޕްރޮޑިއުސްކޮށްފައިވާ "ޖުވެލް ތީފް" ޑައިރެޓްކޮށްފައި ވަނީ ކުކީ ގްލާޓީ އާއި ރޮބީ ގަރެވާލެވެ.
މާފްލިކްސްގެ ފުރަތަމަ ފިލްމަކީ ސިދާތު ޑައިރެކްޓްކޮށް، މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންއާ އެކު ގެނެސްދިން "ފައިޓާ" އެވެ. އޭނަ ޕްރޮޑިއުސްކުރާ ފިލްމަކުން ސައިފް ފެނިގެންދާ އިރު، ދެ މީހުން އެކީގައި ކުރިން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ސިދާތު ޑައިރެކްޓްކުރި 2005 ގެ "ސަލާމް ނަމަސްތޭ" އާއި 2007 ގެ "ތަރަ ރަމް ޕަމް" ގެ ބަތަލަކީ ސައިފެވެ.
ހެއިސްޓް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޖުވެލް ތީފް" ގެ ކާސްޓްގައި ނިކިތާ ދައްތާ، ޖައިދީޕް އަހުލުވާތު އަދި ކުނާލް ކަޕޫރް ހިމެނެ އެވެ.
ސައިފްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި "ދޭވްރާ: ޕާޓް 1" އެވެ.