ފުލުހުންނަކީ ހުވަޔަށް ވަފާތެރި، ރައްޔިތުންނަށް އޯގާތެރި ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުންދަނީ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ކަމަށާއި ކޮންމެ ފުލުހެއްގެ ޢަޒުމަކަށް ވާންވާނީ، ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ފުލުހުން ނަމޫނާ ދެއްކުމާއި މުޢާމަލާތު ކުރުމުގައި އަޚްލާޤީ ރީތި ހަމަތައް ހިފެހެއްޓުން ކަމަށެވެ.
"ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާއި މުޖުތަމަޢު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބަކަށް ވާތީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބަޔެއްގެ ގޮތުގައި އަބަދުމެ ދެމިތިބުމެވެ،" ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާގައި ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ޤާބިލް އެތައް ދަރީންނެއް އެބަ ތިބި ކަމަށާއި ތަފާތު އެކި ހުނަރުތަކާއި ތަޢުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަށް ދިވެހި ފުލުހުންގެ ޚިދުމަތް ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކޮށް، ރައްޔިތުންނަށް ބޭނުންވާނެ ޙިމާޔަތާ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފުލުހުން ގެންދަނީ އައު އެތައް ކަމެއް އުނގެނި، ޢަމަލީ ތަޖުރިބާތައް ހާސިލު ކުރަމުން ކަމަށްވެސް ވިދާޅުވި އެވެ.
"ފުލުހުންގެ ޤައުމީ ޚިދުމަތަށް 100 އަހަރު ވާން ބާކީ އޮތީ އަށް އަހަރެވެ. އެ ދުވަހާ ހަމަޔަށް ދާންވާއިރު، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މިންވަރުފުޅާއެކު، މި ސަރަޙައްދުގެ އެންމެ ޒަމާނީ، އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި، އެންމެ ތަންފީޒީ ފުލުހުންގެ ޚިދުމަތް ދިވެހިރާއްޖޭގައި އޮންނަން އަޅުގަނޑުމެން ބޭނުންވެއެވެ،" ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމަށް އިލްތިމާސްކުރައްވާފަ އެވެ.