އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ދެ ފިލްމެއްގެ ޓްރެއިލާތަކެއް އާންމުކޮށްފި އެވެ.
މީގެ ތެރެއިން އެއް ފިލްމަކީ އިމްރާން ހާޝިމީގެ ވަތަނީ ފިލްމު "ގްރައުންޑް ޒީރޯ" އެވެ. އަނެއް ފިލްމަކީ ސަންޖޭ ދަތުގެ ހޮރޯ-ކޮމެޑީ "ދަ ބޫތުނީ" އެވެ.
"ދަ ބޫތުނީ"
އަންނަ މަހުގެ 18 އަށް ތާވަލުކޮށްފައިވާ "ދަ ބޫތުނީ" ގެ މީގެ ކާސްޓްގައި ސަންޖޭއާ އެކު މޯނީ ރޯއި، ސަނީ ސިންގް، ޕަލަވް ތިވާރީ އަދި އާސިފް ހިމެނެ އެވެ. ޕަލަކް އަކީ ސަލްމާން ޚާންގެ 2023 ގެ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އިން ތައާރަފުވި ބަތަލައެކެވެ.
"ދަ ބޫތުނީ" ގެ ޑައިރެކްޓަރަކީ ސިދާންތު ސަޗްދޭވް އެވެ.
މި ފިލްމާ އެއް ދުވަހެއްގައި އަކްޝޭ ކުމާރާއި އަނަންޔާ ޕާންޑޭ އަދި އާރް މާދްވަންގެ "ކޭސަރީ: ޗެޕްޓާ 2" ވެސް ރިލީޒް ކުރަން ހަމަޖެހިފައިވެ އެވެ. އެކަމަކު އަދި އެ ފިލްމުގެ ޓްރެއިލާ އާންމެއް ނުކުރެ އެވެ.
"ގްރައުންޑް ޒީރޯ"
އިމްރާން ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ ފިލްމު "ގްރައުންޑް ޒީރޯ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 25 ގަ އެވެ
ތެޖާސް ޑިއޮސްކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ފަރުހާން އަޚްތަރާއި ރިތެޗް ސިދުވާނީ އެކްސެލް އެންޓަޓައިންމންޓްގެ ތައްގަނޑުގައި ގެނެސްދޭ ފިލްމެކެވެ.
އިމްރާން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ސާރާ އަލީ ޚާންގެ "އޭ ވަތަން، މޭރޭ ވަތަން" ގެ ހާއްސަ ފެނިލުމަކުންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޭ ކޯލް ހިމް އޯޖީ" އާއި "ޖީ2" އަދި "އާވާރާޕަން 2" ހިމެނެ އެވެ.