ކުޑަކުދިންގެ ޕާކު ނެތް 12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން މިއަދު ޙަވާލުކޮށްފި އެވެ.
މި 12 ރަށުގައި ޕާކު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސްޓެލްކޯގެ 5 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގަ އެވެ.
މި ރަސްމިއްޔާތުގައި ށ. ފީވަކާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫއާއި އަދި ނ. ކުޑަފަރީގެ އިތުރުން މ. ވޭވަށާއި، މ. މަޑުއްވަރީގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ ފެނަކައާއެކުގަ އެވެ. ށ. ކޮމަންޑޫއާއި، ނ. މަނަދޫއާއި، ނ. ފޮއްދޫއާއި އަދި ފ. ނިލަންދޫގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ އެމްޓީސީސީއާއެކުގަ އެވެ. ނ. ކެނދިކުޅުދޫއާއި، ނ. ވެލިދޫގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ އާރުޑީސީއާއެކުގަ އެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާއެވެ.
މިއަދު ސޮއިކުރި ކުޑަކުދިންގެ ޕާކުތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.