Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދަންޖެހޭ: ރައީސް

ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ޢީދު ދުވަހަކީ ރޯދަމަސް ނިމި އަލުން ދިރިއުޅުމުގެ އާ އަހަރަކާ ކުރިމަތިލާ ދުވަސް ކަމަށާއި މުޅި ރޯދަމަހު އަޅުކަމަށްޓަކައި ހޭދަކުރިހައި ވަގުތަށް ފަހު، އިލާހީ ރުއްސެވުމާއި ފުއްސެވުން ލިބުނުކަމުގެ އުންމީދާއެކު އަނެއްކާވެސް އާ ދުވަސްތަކެއް ލިބެނީ ކަމަށެވެ.

އެހެންކަމުން ޢީދު ދުވަހުގެ އެންމެ ޚާއްޞަ ޢަޒުމަކަށް ވާންވީ އަމިއްލަ ނަފުސުގެ އިޞްލާޙަށް އެދި ﷲގެ ޙަޟްރަތުގައި ދެންނެވި ފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙުކުރުން ކަމަށާއި ޢީދުގެ އުފާތައް ލިބިގަތުމުގައިވެސް އަދި އޭގެ ފަހުންވެސް ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހައި ޢަމަލުތަކެއް ބެހެއްޓުމަށް ރައީސް ގޮވާލެއްވި އެވެ.

"ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް އުފުލުމުގައި ނަމޫނާ ޤައުމަކަށް ދިވެހި ޤައުމު ހެދުމަށެވެ. ޢީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސުމަކީ އެ މަޤްޞަދުގައި ތަޢާރަފުކުރެވުނު ކަންކަމެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށާއި އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށްވުމުގެ އިތުރުން ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ ފިޠުރު ޢީދުގެ އުފާ ފާޅުކުރަމުން ދާއިރު ޣައްޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާންކުރުމަށް ކުޑަވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ޣައްޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ދިވެހިންގެ ހެޔޮއެދުމާއި ހެޔޮދުޢާތައް ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނާއެކު އަބަދުވެސް ދަމަހައްޓަންވާނެ ކަމަށް ވިދާޅުވި އެވެ.