ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ދިރިއުޅޭ ގެއިން 257،475 ރުފިޔާއާ 10،000 ޑޮލަރު ފެނުނު ކަމަަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ކޯޓެއް އަމުރެއްގެ ދަށުން ކުރީގެ ކޮންޓްރޯލާ ޝައްމާން ވަހީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށް 257،475 ރުފިޔާއާއި 10،000 އެމެރިކާ ޑޮލަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތައްވެސް ހޯދާފައިވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ސީސޓީވީ ފުޓޭޖްތައް އެއްކޮށް ގިނަ ބަޔަކާއި ސުވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ ތިން އޮފިސަރަކު ވަނީ ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ވަދެ، އިމިގްރޭޝަނުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އޮޕަރޭޝަނެއް ހިންގައިފައި ކަމަށެވެ. އެ އޮޕަރޭޝަނުގެ މައުލޫމާތު، ޝައްމާނަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަން ފުރަތަމަ ހިންގި ތިން މުވައްޒަފުންނަކީ އެފަދަ މަސްއޫލިއްޔަތުތަކެއް އަދާކުރުމުގެ ހުއްދަ ލިބިފައިވާ ތިން މުވައްޒަފުން ނޫން ކަމަށާއި އެ މުވައްޒަފުންނަކީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށް ފުލުހުން ބުންޏެވެ.
"މި އޮޕަރޭޝަންގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް ކުރިން ދެންނެވި އިމިގްރޭޝަންގެ ތިން މުވައްޒަފުން އެ ގެ ބަލައި ފާސްކޮށްފައިވޭ. އޭގެ ފަހުން އެ ރޭ އެފަދަ އޮޕަރޭޝަންތަކަށް ހާއްސަކޮށްފައިވާ އިމިގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރު ކުރެވުނު ބިދޭސީންގެ ތަކެތި ސީލްކޮށް، އަދި އެ މީހުން އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވޭ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް ބިދޭސީންގެ ލިޔެކިޔުންތައް ވެސް ސައްހައިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު މީހާ ޝަމްއާންގެ އިރުޝާދުގެ ދަށުން ދޫކޮށްލިކަން ތަހުގީގަށް ޔަގީން ކުރެވިފައިވާކަން ފުލުހުން ބުންޏެވެ.
ބިދޭސީ މީހާ ހައްޔަރު ކުރެވުނު އިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ދޫކޮށްލިއިރު, އުސޫލާ ހިލާފަށް އޮޕަރޭޝަން ހިންގި އިމިގްރޭޝަނުގެ މުވައްޒަފުން ރެއިޑުކުރި ގެ ހިމެނޭ ސަރަހައްދުގައި ތިބި ކަމަށް ފުލުހުން ބުންޏެވެ.
"ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އޭނާ ފުރަތަމަ ދިޔައީ އޭނާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާއާ އެކު ސައިކަލެއްގައި. ނަމަވެސް ޝަހީދު އަލީ ހިނގުމުން، މި މައްސަލައިގައި ފަހުން ފުލުހުން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފަކާ އެކު އޭނާ އިމިގްރޭޝަންގެ ވެހިކަލަށް އެރި،" ފުލުހުން ބުންޏެވެ.
އެ ވެހިކަލް މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާއިރު، ތަހުގީގަށް ގަބޫލުކުރެވޭ ގޮތުގައި 'ވަކި ކަންތައްތަކެއް ނިންމުމަށް ފަހު' ބިދޭސީ މީހާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި އިމިގްރޭޝަނުގެ ވެހިކަލްގައި އެތަނުގެ މުވައްޒަފުން ދެން ދިޔައީ ޝައްމާންގެ ގެއަށެވެ. އެ ގެއަށް ވަންއިރު އެ މީހުންގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކޮތަޅެއް އޮތް ކަމަށާއި ނުކުތް އިރު، ކޮތަޅު އޮތީ މުށުތެރޭގައި ބޮނޑިކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.