Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ގާޒާގެ ކުޑަކުދިންނަށް 500،000ރ. ހަދިޔާކުރަނީ

ފަލަސްތީނުގެ ގާޒާގެ ކުޑަކުދިންނަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ފަޤީރުންގެ ދަފްތަރުގައިވާ ކޮންމެ ފަރުދަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އަދި 5 ލައްކަ ރުފިޔާ ފަލަޞްޠީނުގެ ގާޒާގެ ކުޑަކުދިންގެ ކާބޯ ތަކެއްޗަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގޮވާމުން މާލެ ސަރަހައްދުގެ ކޮންމެ ފަޤީރަކަށް 15 ކިލޯ ބަހާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މި އަހަރު ފިތުރު ޒަކާތް ފަގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ބަހަން ނިންމާފައިވާއިރު އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރަން ގެނެވުނު ބަދަލެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ. މިހެން މިކަން ކުރީމަ ބައެއް ރަށް ރަށުގައި ފަޤީރުންނަށް ލިބެނީ ވަރަށް މަދު އެއްޗެއް. މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު،" ޝަހީމް ވިދާޅުވި އެވެ.

މިއަހަރު ފިޠުރު ޒަކާތަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.