Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ޢީދު އަލިން ރާއްޖޭގެ 64 ރަށް ދިއްލާލައިފި

ޢީދު އަލިން ރާއްޖޭގެ 64 ރަށް ދިއްލާލައިފި އެވެ.

ޢީދު ޢަލިން 64 ރަށް ދިއްލާލަ ދެއްވީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވި ގޮތުގައި ޢީދު އަލިން ރަށްތައް ދިއްލައިލާ، ތަކުބީރުގެ މަތިވެރި ކަލިމަ އިސްޕީކަރުތަކުގެ އަޑުން ޖައްވުގައި ގުގުމާލުމަކީ ރާއްޖޭގެ އިސްލާމީ ވަޙުދަތު މަތިވެރި ކުރުމަށް ޓަކައި ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.

ޢީދު އަލިން ރާއްޖެ ދިއްލުމަކީ ރާއްޖޭގެ އެތައް ބަޔަކު އެދެމުންދާ ކަމަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކުގެ އިތުރުން، އިތުރު 36 ރަށަކާއެކު، ޖުމްލަ 64 ރަށް މިރޭ ދިއްލިގެންދާ ކަމަށް ވިދާޅުވި އެވެ. އަދި މި ރަށްތައް ދިއްލުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި، ފެނަކައާއި، ކައުންސިލްތަކާއި އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުން ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެ ހުރިހައި ފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.

64 ރަށް ޢީދު އަލިން ދިއްލައި ދެއްވުމަށް ފަހު، އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ޢީދު ދިއްލުންތަކުން ކުރެވޭ މާނަތައް އަދުގެ ކުޑަކުދިންނަށް ކިޔައި ދެއްވުމުގައި ބޮޑެތި މީހުންގެ ދައުރެއް އޮތް ކަމަށް ވިދާޅުވެ، އެ ވާހަކަތައް ކުޑަކުދިންނަށް ކިޔައި ދެއްވުމަށް ބޮޑެތި މީހުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.