Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މިއީ ހުރިހާ ރުޅިވެރިކަމަކުން ހިތްތައް ސާފުކުރަންވީ ދުވަސް

މިއީ ހުރިހާ ރުޅިވެރިކަމަކުން ހިތްތައް ސާފުކުރަންވީ ދުވަސް ކަމަށް މިއަދުގެ ފިތުރު އީދު ހުތުބާގައި ބުނެފި އެވެ.

އީދު ހުތުބާގައި ބުނީ އީދު ނަމާދަށްޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައިވަންތަކަން ކަމަށާއި އަހަރެމެންގެ ކުޑަކުދީންނާއި ބޮޑެތި މީހުންގެ މެދުގައި، ފަޤީރުންނާއި މުއްސަނދީންގެ މެދުގައި، އޮތް ކުލުނުވެރިކަމާއި ލޯބި ކަމަށެވެ.

"މިއަދު ހުރިހައި ރުޅިވެރިކަމަކާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރާށެވެ. ބައިބައިނުވެ، އެއްގަލަކަށް އަރާށެވެ. އަހުރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އަނެކާގެ ޙައްޤު އަދާކުރާށެވެ. މައިންބަފައިންގެ ޙައްޤުތަކުން ފަށާށެވެ. މައިންބަފައިންކުރެ ހަމަ އެކަކު ވެސް ހިތުގައި ނުޖައްސަން މިއަދު ޢަޒުމު ކަނޑައަޅާށެވެ،" ހުތުބާގައި ގޮވާލާފައިވެ އެވެ.

މި ފަދަ އުފާވެރި ދުވަހެއްގައި، ހަނދާނަށް ގެންނާންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި ބަރަކާތްތެރި ޖަމާޢަތަށް އަހަރެމެން ޙާޒިރުކުރުވީ މާތްވެގެންވާ އިސްލާމް ދީންކަން ކަމަށާއި އެހެންވެ އަހަރެމެންގެ ދީނާއި، ޢަޤީދާއަށް ރައްކައުތެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެގޮތުން ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިޤުލާލު ކަމަށާއި ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި ޢަޤީދާ ފޯރުކޮށްދީ، ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތު ރައްކައުތެރިކޮށް، ދަމަހައްޓާން މިއަދު ޢަޒުމު ކަނޑައަޅާން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި ލޮބުވެތި ވަޠަން، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ، އަހަރެމެންގެ ދަރީންނަށް އިސްލާމީ ތަރުބިޔަތާއި ތަޢުލީމު ފޯރުކޮށްދީގެން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.