މާލެ ސަރަހައްދުގެ ޕިކްނިކް އައިލޭންޑް، ކުޑަގިރިއަށް އެމްްޓީސީސީން މިއަދު ފެރީގެ ހިދުމަތް ފަށައިފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކުޑަގިރި ޕިކްނިކް އައިލެންޑަށް އޮންނަ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނިން ކުޑަގިރިއަށް ފެރީގެ ޚިދުމަތް ދިނުމަށް ނިންމީ ކަމަށެވެ.
މިއަދަކީ އީދު ދުވަހަށްވާތީ މިއަދު ކުޑަގިރި އަށް ޚާއްސަ ދަތުރުތަކެއް އޮންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. އަދި ފިތުރު އީދާ ވިދިގެން އަންނަ ބަންދު ދުވަސްތަކުގައި ދަތުރުކުރުމަށް ނިންމާފައި ވަނީ ހަފުތާ ބަންދުގައި ދަތުރުކުރުމަށް ނިންމާފައިވާ ގޮތަށް ކަމަށް ބުންޏެވެ.
އެގޮތުން މިއަދު މާލެއިން ކުޑަގިރިއަށް އެމްޓީސީސީގެ ފެރީ ހެނދުނު 09:00 އާއި 10:30 ގައި އޮންނާނެއެވެ. އަދި ކުޑަގިރިން މާލެ އައުމަށް ފެރީ ފުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00-5:30 ގައެވެ.
މާލެއިން ކުޑަގިރިއަށް އަދި ކުޑަގިރިން މާލެއަށް އެމްޓީސީސީގެ ފެރީ ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ހަފުތާ ބަންދުގައި ހެންވޭރު ފެރީ ޓާމިނަލުންނެވެ. އެގޮތުން އެ ދެ ދުވަހު މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ފުރާނީ ހެނދުނު 6:30، 8:00 އަދި 9:30 ގައެވެ. އަދި ކުޑަގިރިން މާލެ އައުމަށް ފެރީ ފުރުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ ހަވީރުގެ 4:00، 5:30 އަދި 7:00 ގަ އެވެ.
އެމްޓީސީސީއިން ބުނީ މާލެ އާއި ކުޑަގިރިއާ ދެމެދު އެ ކުންފުނީގެ ފެރީ ދަތުރުކުރާނީ ކޮޅަކަށް 70ރ. އަށް ކަމަށެވެ. އަދި ދަތުރުގެ ދިގުމިނަކީ 35 މިނެޓެވެ.
އެހެންކަމުން ކުޑަގިރިއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެމްޓީސީސީގެ އެސްޓީއެލް އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ޓިކެޓު ހޯދޭނެ އެވެ.
ހިއްކައިގެން ތަރައްގީކުރި ކުޑަގިރި ހުޅުވީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.