ހައި ކޯޓުގެ އިސްފަނޑިޔާރުކަމަށް ހުޅުވައިލުމާ ގުޅިގެން ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ ދެ ބޭފުޅުންނަކީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގެ އެ ދެ ބޭފުޅުން ކުރިމަތިލެއްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަންކުރުމާ ގުޅިގެންނެވެ.
އިސްފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ނިޔާޒާއި ފައިސަލަކީ މި ވަގުތު ހައިކޯޓުގައި ތިއްބެވި 10 ފަނޑިޔާރުންގެ ތެރެއިން އެންމެ ސީނިއަ ދެ ފަނޑިޔާރުންވެސް މެއެވެ. ދެ ފަނޑިޔާރުން ވެސް ހައިކޯޓަށް އައްޔަންކުރީ 2018 ގަ އެވެ.
ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނަ ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރީ ޖެނުއަރީ 25، 2018 ގައެވެ. ނިޔާޒު ކުރިން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރެއްވި އެވެ.
ނިޔާޒަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މިހާރުގެ ނައިބު ރައީސް ވެސް މެ އެވެ.
ފަނޑިޔާރު ފައިސަލަކީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގަ އެވެ.
އޭނަ އަކީ ވެސް ކުރިން ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.