ހުޅުމާލޭ މިސްކިތެއްގައި މިއަދުގެ ފިތުރު އީދު ނަމާދަށް ހަމަޖެއްސި އިމާމާއި ބަދަލި އިމާމު ވެސް ގަޑިއަށް ނުދިއުމުން އެ މީހުންނަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.
މިއަދު ހުޅުމާލޭ މަސްޖިދު އަޒީޒާ މޫސާގައި އީދު ނަމާދު ފެށީ ނަމާދު ވަގުތު ޖެހި ހަތް ވަރަކަށް މިނެޓު ފަހުންނެވެ. އިމާމާއި ބަދަލު އިމާމު ވެސް ނެތުމުން އިމާމުވެ ނަމާދުކުރީ ބިދޭސީއެކެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ވިދާޅުވީ ނަމާދު ކުރުމަށް ކަނޑައަޅާފައިވާ އިމާމާއި އޭނާގެ ބަދަލުގައި ހަޖައްސާފައިވާ މީހާ ވެސް މިއަދު މިސްކިތަށް ހާޒިރު ނުވާ ކަމަށާއި އުސޫލުގެ ތެރެއިން އެކަން ބަލައި، ފަސް އަހަރު ދުވަހަށް ރާއްޖޭގެ އެއްވެސް ރަށެއްގެ މިސްކިތެއްގައި އެ މީހުން ހުތުބާ ކިއުމުން ސަސްޕެންޑްކުރަން އަންގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިމާމުގެ ބަދަލުގައި ހަމަ ޖައްސާފައިވަނީ އެ މިސްކިތަށް ކަނޑައަޅާފައި ހުންނަ އިމާމުކަމުން، މިނިސްޓްރީއަށް ނާންގައި ޖަމާއަތަށް ހާޒިރު ނުވުމުން އެ މައްސަލަ ވެސް ވަކިން ބަލައި، އުސޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ވެސް އަންގާފައިވާނެ ކަމަށެވެ.
އަޒީޒާ މިސްތުގައި އީދު ނަމާދު ކުރާނެ މީހަކު ނުވުމުން އެކަމާ ހަވާލުވީ، ބިދޭސީ މީހެއްކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައިވާ ޕޯސްޓްތަކުން އެނގެ އެވެ. އަދި ނަމާދަށް ފަހު އޭނާ ހުތުބާ ކިޔާފައިވަނީ އަރަބި ބަހުންނެވެ.