Last Updated: April 1, 23:32
Tuesday, April 1, 2025
މުނިފޫހިފިލުވުން

އާމިރު 17 އަހަރުގައި ކުޅުނު ފިލްމެއް ތިލަވެއްޖެ

މިހާރު އުމުރުން 60 އަހަރުގެ ބޮލީވުޑްގެ ތަރި އާމިރު ޚާން އުމުރުން 17 އަހަރުގައި ކުޅުނު ކުރު ފިލްމެއް ތިލަވެއްޖެ އެވެ.

މި ފިލްމަކީ 1983 ގައި ހަދާފައިވާ "ސުބާ ސުބާ" އެވެ.

އާމިރު ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ 19 މިނިޓާއި 13 ސިކުންތުގެ މި ފިލްމުގެ ޔޫޓިއުބް ލިންކް، ޕޫނޭގެ ފިލްމު އެންޑް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންޑިއާ (އެފްޓީއައިއައި) އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. މިއާ އެކު ގިނަ ބައެއްގެ ސަމާލުކަން ވެސް އެއަށް ލިބިފައިވެ އެވެ.

"ސުބާ ސުބާ" ލިޔެ، ޑައިރެކްޓްކޮށް، ކެމެރާކޮށް އަދި އެޑިޓްކޮށްފައި ވަނީ އިންދަރުޖީތު ބަންސަލް އެވެ. މި ފިލްމުގެ ކާސްޓްގައި ކަރިޝްމާ، އަޖިތު، އިޝްރަތު ޚާން އަދި ޝުބާ ކޯޓޭ ހިމެނެ އެވެ. މި ކާސްޓަށް ބަލާ އިރު، ޝުބާ ފިޔަވައި ދަންނަ އެހެން މޫނެއް ފިލްމަކު ނެތެވެ.

އާމިރުގެ ފުރާވަރުގެ ދުވަސްވަރު އެކްޓިން ދައްކައިލި ފިލްމު އެތައް ޒަމާނެއް ފަހުން ތިލަވެގެން އުޅޭ އިރު، ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރުގެ ބޮލީވުޑްގެ ދަތުރުގެ ރަސްމީ ފެށުމަކީ 1988 ގެ ބޮޑު ހިޓް "ގަޔާމަތު ސޭ ގަޔާމަތު ތަކް" އެވެ.

މަންސޫރު ޚާން ޑައިރެކްޓްކުރި އެ ފިލްމުގެ ބަތަލާ އަކީ ޖޫހީ ޗާވްލާ އެވެ.

މިހާތަނަށް ކާމިޔާބު އަދި އެހާމެ ރީތި އެތައް ފިލްމެއް ކުޅެފައިވާ އާމިރު "ގަޔާމަތު ސޭ ގަޔާމަތު ތަކް" އިން ލީޑް އެކްޓަރެއްގެ ގޮތުގައި ނުކުތުމުގެ ކުރިންނާއި އަދި "ސުބާ ސުބާ" ގެ މާ ކުރިން ވެސް އޭނަ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ބައެއް ފިލްމުތައް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 1973 ގެ "ޔާދޯން ކީ ބާރާތު" އެވެ.

އެ ފިލްމަކީ "ގަޔާމަތު ސޭ ގަޔާމަތު ތަކް" ގެ ޑައިރެކްޓަރު މަންސޫރުގެ ބައްޕަ ނާސިރު ހުސައިން ޑައިރެކްޓްކުރި ފިލްމެކެވެ.

ފިލްމީ އާއިލާއަކަށް އުފަން އާމިރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ލާލު ސިންގް ޗައްޑާ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ސިތާރޭ ޒަމީން ޕަރް" އެވެ. އާމިރު މިދިޔަ ހަފުތާގައި ވަނީ އޭނަގެ ފިލްމީ ވާހަކަތައް ފޭނުންނާ ހިއްސާކުރަން "އާމިރު ޚާން ޓޯކީސް" ގެ ނަމުގައި ޔޫޓިއުބް ޗެނަލެއް ލޯންޗްކޮށްފި އެވެ.