އެމެޒޯން ކުންފުނީގެ ބާނީ އެމެރިކާގެ މަހުޖަނު ޖެފް ބެޒޮސް އާއި މިހާރުގެ ލޯބިވެރިޔާ ލޯރެން ސަންޗޭޒްގެ ކައިވެނީގެ ހަފުލާ އަންނަ ޖޫން މަހުގެ ތެރޭގައި ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް މިހާރު ވެސް ހުއްޓިފައިވާ އެ ކައިވެނީގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ އިޓަލީގެ ވެނިސްގަ އެވެ. ނަމަވެސް އަދި ވަކި ތާރީހެއް ކަށަވަރު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު ކުލަގަދަ ކައިވެނި ހަފުލާ ބާއްވާނެ ކަމަށް ބެލެވެނީ ޖޫން 24-26 އާ ދޭތެރޭގަ އެވެ.
އެ ހަފުލާ އަށް އިޓަލީ އަށް 200 ވަރަކަށް ހައި-ޕްރޮފައިލް މީހަކަށް ދައުވަތު ވެސް ދީފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބެޒޮސް އާއި ސަންޗޭޒްގެ ކައިވެނި ހަފުލާ ވާނީ އިނގިރޭސިވިލާތުގެ މިހާރުގެ ރަސްގެފާނު ޕްރިންސް ޗާލްސް އާއި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ 1981 ގެ ކައިވެނި ހަފުލާ ކަހަަލަ ހަފުލާއަކަށެވެ.
ދުނިޔޭގެ ދެވަނަ އެންމެ މުއްސަނދި މީހާ ކަމަށްވާ ބެޒޮސް، 61، އާއި ކުރީގެ ނޫސްވެރިއެއް ކަމަށްވާ ސަންޗޭޒް، 55، ރައްޓެހިވެފައި ވަނީ 2019 ގަ އެވެ. އެއީ ބެޒޮސް އާއި މެކެންޒީ ސްކޮޓް ކައިވެނި އެ އަހަރު ރޫޅައިލުމަށް ފަހު އެވެ. ބެޒޮސް އާއި މެކެންޒީގެ 1993 ގެ ކައިވެނީ ރޫޅައިލި އިރު ހަތަރު ދަރިން ލިބިފައިވެ އެވެ.
ސަންޗޭޒާއި އެމެރިކާގެ ވިޔަފާރިވެރިޔާ، އެންޑީވާ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ ކައިވެނި ވެސް ރޫޅައިލީ 2019 ގަ އެވެ. އެ ދެ މީހުން ކައިވެނި ކުރީ 2005 ގަ އެވެ. އަދި ތިން ކުދިން ލިބިފައިވެ އެވެ.
ބެޒޮސްގެ މިލްކިއްޔާތު 232.8 ބިލިއަން ޑޮލަރަށް އަރަ އެވެ.