އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއާ އެ ގައުމުގައި ބައްދަލު ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ބައްދަލު ކުރެއްްވީ އިންޑިއާގެ 'ނިއުސް ނައިން' އިން އިންތިޒާމުކޮށްގެން ބާއްވާ 'ގްލޯބަލް ސަމިޓް 2025' ގެ ހަވަސާގެ ތެރެއިންނެވެ.
އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް ނުލިބެ އެވެ.
ޝާހިދު ވަނީ 'ގްލޯބަލް ސަމިޓް 2025' ގެ، ދެ ހަރަކާތެއްގައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ދުނިޔޭގެ މަސްރަހުގައި ހިނގަމުން އަންނަ އެކިއެކި ކަންކަމަށް ކުރިމަތިލުމުގައި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ދުނިޔޭގެ މަސްރަހުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
މީގެ އިތުރުން އިންޑިއާ އިން މިހާރު ދުނިޔޭގައި އަދާކުރަމުންދާ ދައުރާއި، އެދައުރުގެ މުހިއްމުކަމާ މެދު ވެސް ޝާހިދު ވާހަކަ ދެއްކެވި އެވެ.