Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މައުރަޒުގައި އައްޑޫން ބައިވެރިވާ މީހުންނަށް ސްޕޮންސަ ދޭނެ

މިދިޔަ އަހަރު އައްޑޫގައި ބޭއްވި "އަފިރިންގެ އެކްސްޕޯ" ގައި ބައިވެރިކުރި އުފެއްދުންތަކެއް.

އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި އައްޑޫން ބައިވެރިވާން ހޮވޭ ފަރާތްތަކަށް ސްޕޮންސަ ދޭނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެހެންވެ އޭގައި ބައިވެރިވާން ބޭނުންވާ އައްޑޫ މީހުން ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވާނީ މި ލިންކް forms.gle/jpmC6dSHrpR2QHiX9 މެދުވެރިކޮށެވެ.

ކައުންސިލުން ބުނީ ސްޕޮންސަ ދޭނީ ބައިވެރިވާން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވައިލެވޭ އެންމެ ރަނގަޅު ފަސް ސާމްޕަލެއް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. މައުރަޒުގައި ބައިވެރި ކުރަން ހުށަހަޅާ އުފެއްދުންތަކުގެ ސާމްޕަލް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ގައި ކައުންސިލް އިދާރާއަށެވެ.

"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ މެއި މަހުގެ 23-31 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގަ އެވެ.

ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިހާރު އޮތީ އަންނަ މަހުގެ 15 އާ ހަމައަށް މުޅި ރާއްޖެ އަށް ހުޅުވާލައިފަ އެވެ.

މައުރަޒާ ގުޅޭ އިތުރު މައުލޫމާތު މި ސައިޓުން www.expo.mv ލިބޭނެ އެވެ