ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އެ ސިޓީގައި އެ ހިދުމަތް ގެންދާނީ ގދ. އަތޮޅު ކައުންސިލުން ކަމަށެވެ. އެތަނުން ބުނި ގޮތުގައި ކައުންސިލުން އައިޑިކާޑު ޕްރިންޓްކޮށް، އެ އަތޮޅުގެ ހުރިހާ ރަށަކަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
މިއީ މާލޭން ބޭރުން އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދޭ 14 ވަނަ ސަރަހައްދެވެ.
ގދ. އަތޮޅުގައި އައިޑީ ކާޑުގެ ހިދުމަތް ފެށި އިރު، އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިދިޔަ އަހަރު އެންމެ ފުރަތަމަ ފެށީ ހުވަދު އަތޮޅުގެ އަނެއް ބުރި ކަމަށްވާ ގއ. ވިލިގިނލިންނެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށަކަށް އަތޮޅު ކައުންސިލް މެދުވެރިކޮށް މިހާރު އަންނަނީ ހިދުމަތް ދެމުންނެވެ.