މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ޘަވާބު ބޭނުން ހެއްޔެވެ؟ މާބޮޑު އުނދަގުލަކާ ނުލާ މި ދަރުމައާއި ޘަވާބު ހޯދޭނެ ދެ ކަމެއް ބުނެދީފާނަމެވެ.
ފުރަތަމައީ: ރަމަޟާން މަހުގެ ރޯދަ ހިފައި ޝައްވާލު މަހުގެ 6 ރޯދަ ހިފުމެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވި އެވެ.
(مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ ) (رواه مسلم)
މާނައީ: “ރަމަޟާން މަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދަ އެވެ.”
ދެވަނައީ: ރަމަޟާން މަހުގެ ރޯދަ ހިފައި ބާކީ ހުރި މަސްތަކުގައި ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިފުމެވެ.
ރަސޫލުﷲ ﷺ މުޅި އަހަރު ދުވަހު މެދުކެނޑުމެއް ނެތި ރޯދަހި ފުން ނަހީ ކުރެއްވި އެވެ. އަދި އެކަމުގައި އޮތް ލުއި ގޮތް ބަޔާންކޮށް ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.
(صُمْ مِنْ كُلِّ شَهْرٍ ثَلَاثَةَ أَيَّامٍ، فَذَلِكَ صَوْمُ الدَّهْرِ) (رواه البخاري ومسلم)
މާނައީ: “ތިބާ ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފާށެވެ. އެއީ މުޅި އަހަރު ދުވަހު ރޯދަ ހިފުންފަދަ ކަމެކެވެ.”
އަދިވެސް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.
(صَوْمُ ثَلَاثَةٍ مِنْ كُلِّ شَهْرٍ، وَرَمَضَانَ إِلَى رَمَضَانَ، صَوْمُ الدَّهْرِ) (رواه مسلم)
މާނައީ: “ކޮންމެ މަހަކު ތިންދުވަހު ރޯދަ ހިފައި ރަމަޟާން މަހު ރޯދަ ހިފުމުން މުޅި އަހަރު ދުވަހު ރޯދަ ހިފުނީއެވެ.”
ކޮންމެ މަހަކު 3 ދުވަހު ރޯދަ ހިފުމާ ބެހޭ ގޮތުން އިތުރު ޙަދީޘްފުޅުތައް ވެސް އައިސްފައިވެ އެވެ.
އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ.
أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: (صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ) متفق عليه
މާނައީ: ”އަހަރެންގެ މިތުރު (އެބަހީ: ނަބިއްޔާ) صَلَّى اللهُ عَلَيْهِ وَسَلَّمَ , އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެރަކުޢަތް ކުރުމާ އަދި ނިދުމުގެ ކުރިން ވިތުރި ކުރުމެވެ.”
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.