Last Updated: April 1, 23:32
Tuesday, April 1, 2025
ދުނިޔެ

ބިންހެލުމުގެ މަރުވި މީހުންގެ އަދަދު 1،700 އަށް

މިއަންމާ އާއި ތައިލެންޑަށް މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،700 އިން މައްޗަށް އަރައިފި އެވެ.

މިއަންމާގެ އަސްކަރީ ސަރުކާރުން ބުނީ ބިންހެލުމުގައި 1،700 މީހުން މަރުވެ 3،400 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އަދި 300 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މި ބިންހެލުމުގެ އަސަރު ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވެސް ކޮށްފައިވާއިރު އެ ސިޓީން މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފަ އެވެ.

މިއަންމާ އަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެގައުމުގެ އެކި ސިޓީތަކުގެ މަގުތައް ހަލާކުވެ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި މިއަންމާގެ އެންމެ ބޮޑު ދެ ސިޓީން ކަރަންޓު ކެނޑިފައިވާއިރު މިއަންމާގައި އޮތް އަސްކަރީ ސަރުކާރުގެ އެދުމަށް ކައިރި ގައުމުތަކުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ބިންހެލުމުގެ ތައިލެންޑުގެ ބެންކޮކްގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އޭގެ ތެރޭގައި ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ. ބިންހެލުމުގައި ބެންކޮކުން 78 މީހަކު ވަނީ ގެއްލިފަ އެވެ.

ބެންކޮކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފަ އެވެ