ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރި "ޢީދު ހަވީރު 1446" ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު ހަވީރު، ޢާންމުންނަށް ހުޅުވާލައިގެން، ސަލްޓަންޕާކާއި، ޖުމްހޫރީ މައިދާނާއި، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ސަރަޙައްދަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިޤުބާލުގައި ވަނީ ސަންގު ފުމެފަ އެވެ. އެއަށްފަހު އެމަނިކުފާނާއި ޢާއިލާއިން ވަނީ، އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކުރައްވާފައިވާ ސްޓޯލްތައް ބައްލަވާލައްވާފަ އެވެ.
އެއަށްފަހު ޢިއްޒުއްދީން ފާލަމުގެ ކުރިމަތީގައި، ޢީދު ހަވީރަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި، އެ ހަވީރަށް ޒިޔާރަތްކުރި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިސްނެގުމާއެކު މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. އަދި އީދު ފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ޚާއްޞަކޮށް، ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.