ސަރުކާރުގެ ގިނަ މުއައްސަސާތަކަކާއި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން ބާއްވާ "ޢީދު ހަވީރު 1446" އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ އީދު ހަވީރުގެ ހަރަކާތްތައް މިއަދާއި މާދަމާގެ ހަވީރު 16:00 އިން 18:00 އަށް ޖުމުހޫރީ މައިދާން އަދި އިސްލާމީ މަރުކަޒު މާބްލް ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިއްޔެ ހަވީރު، ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު، އަދި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ ހަވީރުގައި އެކި ކުންފުނިތަކުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ ސްޓޯލްތަކުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު އެމްއެންޑީއެފުން ވަނީ މެރިންކޯ އަދި އޯޑްނަންސް ސާވިސްގައި ބޭނުންކުރާ ހަނގުރާމަ މަތީ ބައެއް އާލާތްތަކާއި، އުޅަނދުތަކާއި، ހަތިޔާރުތައް އެ ސަރަހައްދުގައި ޑިސްޕްލޭކޮށް، ކުޑަކުދީންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތާއި، އެ ކުދީންގެ މެދުގައި މަޤްބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ.
މި ހަރަކާތުގައި ރައީސް، ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެއިތުރުން ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވައި ޑްރޯން ޝޯއެއް ވެސް ބާއްވާފައިވާއިރު މާލޭގައި ސަގާފީ ކުޅިވަރެއް ކަމަށް ވާ "ހިއްޗަށް ދިޔުން" ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.