އިއްޔެ ފާހަގަކުރި ފިތުރު އީދު ދުވަހު އިޒްރޭލުން ފަލަސްތީނުގެ ގާޒާ އިން 64 މީހަކު ޝަހީދުކޮށްލައިފި އެވެ.
ގާޒާގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި ހަވާލާދީ "އަލްޖަޒީރާ" އިން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ އިޒްރޭލުން ގާޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި ގާޒާ އިން 64 މީހަކު ޝަހީދުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަަމަށެވެ. ޝަހީދުވި ފަރާތްތަކުގެ ތެރޭގައި އީދު ހެދުމުގައި ތިބި ކުޑަކުދިން ވެސް ހިމެނެ އެވެ.
މި ހަމަލާތަކާއި ގުޅިގެން ހަމާސް ޖަމާއަތުން ބުނީ އީދު ދުވަހު ކުޑަކުދިންނަށް ވެސް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓު ހަމަލާތަކުން އެނގިގެން ދިޔައީ އިޒްރޭލުގެ ކިބައިގައި އިންސާނިއްޔަތު ކަމުގެ އެއްވެސް މިންވަރެއް ނެތްކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.