އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާފައިނަލްގައި ރޭ ބޯންމަތް 2-1 އިން ބަލިކޮށް މުބާރާތުގެ ސެމީފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.
މިއީ އެފްއޭކަޕްގެ ސެމީއަށް ސިޓީ ޖެހިޖެހިގެން ދަތުރުކުރި 7 ވަނަ ފަހަރެވެ. މިއީ މި ސީޒަނުގައި ސިޓީއަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ތަށްޓެވެ.
ސެމީގައި އަންނަ މަހުގެ ފަހުކޮޅު ސިޓީ ނިކުންނާނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ އެސްޓަންވިލާ އާއި ކްރިސްޓަލް ޕެލެސް އެވެ.
ބޯންމަތްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު ލީޑު ނަގަން ސިޓީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އާލިން ހާލަންޑް ފޮނުވާލި އެ ޕެނަލްޓީ ބޯންމަތްގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. މެޗުގެ 21 ވަނަ މިނެޓްގައި ބޯންމަތުން ލީޑު ނެގީ އެވަނިލްސަންގެ ގޯލުންނެވެ.
ބޯންމަތް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ހާލަންޑް ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ބޯންމަތްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ. އަދި މި މެޗުން ސިޓީ މޮޅުވި ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި މިސްރުގެ ފޯވާޑް، އޮމަރު މާމޫޝް އެވެ.
މި ގޯލަށް ފަހު ވެސް ސިޓީން ދިޔައީ ބޯންމަތްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ސިޓީގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައިވެ އެވެ.