މާލޭ ސިޓީ ކައުންސިލަށް ހާޒިރުވުމުން ގެދޮރުވެރިޔާ ސްކީމްގެ ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްްޓްރީން ވަނީ އަންނަ މަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ އިދާރާގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެހީތެރިކަން ފޯރުކޮށްދޭ ވަގުތުތައް:
މާޗް 31 އިން ފެށިގެން އޭޕްރީލް 5 އަށް: ހެނދުނު 10:00 އިން މެންދުރުފަހު 2:30 އަށް، އަދި ރޭގަނޑު 9:30 އިން ރޭގަނޑު 11:00 އަށް.
އޭޕްރީލް 6 އިން އެޕްރީލް 15 އަށް: ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 9:00 އިން 11:00 އަށް.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީން އާންމުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައެވެ.
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބޭ ކަމަށް ކަނޑައަޅައިފައި ވަނީ 1،820 މީހަކަށެވެ. އެއީ ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވާ 1،423 މީހުންނާއި ދެ ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓް ލިބުނު 397 މީހުންނެވެ.
އެ ލިސްޓް ސަރުކާރުން އާންމުކުރީ މިދިޔަ މަހުގެ 27 ގަ އެވެ.