Last Updated: April 19, 17:48
Saturday, April 19, 2025
މުނިފޫހިފިލުވުން

'ޖޭމްސް ބޮންޑް' އަކީ ކަމުދާ އެއްޗެއް ނޫން: މިރެން

"ޖޭމްސް ބޮންޑް" ސީރީޒްގެ ފިލްމުތަކަކީ އެއްގޮތަކަށް ވެސް ކަމުދާ އެއްޗެއް ނޫން ކަމަށާއި އެ ސީރީޒްގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ އެއްވެސް ޝައުގުވެރި ކަމެއް ވެސް ނެތް ކަމަށް މަޝްހޫރު ބަތަލާ ހެލެން މިރެން ބުނެފި އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ 79 އަހަރުގެ ތަޖުރިބާކާރު ބަތަލާ 'ލަންޑަން ސްޓޭންޑާޑް' އަށް ދިން އިންޓަވިއުއެއްގައި ބުނީ "ޖޭމްސް ބޮންޑް" އަކީ މިހާރު ޒަމާނަށް ވެސް ފެތޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެ ސީރީޒްގެ ފިލްމުތައް ކަމުނުދާ އެންމެ ބޮޑު ސަބަބަކީ އޭގައި އަންހެނުން ދައްކުވައިދޭ ގޮތް ފީކަޅާވުން ކަމަށް އޮސްކާ އެވޯޑް ވެސް ހޯދާފައިވާ މިރެން ބުންޏެވެ.

"އޭގެ ފިލްމުތަކުގައި އަންހެނުން ބޭނުން ކުރަނީ ޖިންސީ އޮބްޖެކްޓެއްގެ ގޮތުގައި." އޭނަ ބުންޏެވެ.

މިރެން ބުނި ގޮތުގައި މިފަދަ ސަބަބުތަކާ ހެދި އެއްވެސް ޒަމާނެއްގައި އޭނަ އަކީ "ޖޭމްސް ބޮންޑް" ގެ ފޭނެއް ނޫން ކަމަށެވެ.

"އަހަންނަށް އެއްގޮތަކަށް ވެސް ގަޔާވާ އެއްޗެއް ނޫން. އެއީ. އޭގެ މުޅި ކޮންސެޕްޓް ވެސް އަހަންނަށް ގޯސް،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އެހެންވީމަ ޖޭމްސް ބޮންޑް ފިލްމެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރި ކަމެއް ވެސް އެެއްވެސް އިރަކު ނެތް."

"ޖޭމްސް ބޮންޑް" އަކީ ކަމުދާ އެއްޗެއް ނޫން ކަމަށް މިރެން ބުނި އިރު، އޭނަގެ ކަޒިން ބަތަލާއެއް އެ ސީރީޒްގެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ބޮންޑްގެ ތިން ވަނަ ފިލްމު އަދި ޝޯން ކޮނެރީ ޖޭމްސް ބޮންޑްގެ ރޯލު ކުޅުނު 1964 ގެ "ގޯލްޑްފިންގާ" ގައި މިރެންގެ ކަޒިން ޓާނިއާ މެލެޓް ރޯލެއް ކުޅެފައިވެ އެވެ. އޭނަ ވަނީ 77 އަހަރުގައި 2019 ގައި މަރުވެފަ އެވެ.

އިނގިރޭސީ ޖާސޫސީ އޭޖެންޓް "ޖޭމްސް ބޮންޑް" ގެ 25 ފިލްމު މިހާތަނަށް ގެނެސްދީފައިވާ އިރު، މީގެ ފެށުމަކީ 1962 ގެ "ޑރ. ނޯ" އެވެ. ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ނޯ ޓައިމް ޓު ޑައި" އެވެ.

އިނގިރޭސިވިލާތުގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ މިރެންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ވައިޓް ބާޑް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ތާޒްޑޭ މާޑާ ކުލަބް"، "ސްވިޓްޒަލޭންޑް" އަދި "ގުޑްބާއި ޖޫން" ހިމެނެ އެވެ.