Last Updated: April 6, 21:36
Sunday, April 6, 2025
ޚަބަރު

'ޖެނެރޭޝަން ބޭން' އާ ގުޅޭ ޕޯލަކަށް ހުޅުވާލައިފި

ދިވެހި ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ 'ޖެނެރޭޝަނަލް ބޭން' ކަނޑައަޅުއްވާނޭ ގޮތާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޕޯލަކަށް ހުޅުވާލައްވައިފި އެވެ.

މިއަދު ހުޅުވާލި މި ޕޯލަކީ، ރާއްޖޭގެ ރައީސަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި ފުރަތަމަ ޕޯލު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ، ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފައިވެ އެވެ. އެ ގޮތުން އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިޚުތިޔާރުކުރެއްވުމަށް ޕޯލްގައި ވަނީ އެދިވަޑައިގެންފައެވެ.

'ޖެނެރޭޝަނަލް ބޭން؛ ކަނޑައެޅުމަށް ހުށަހަޅާ ގޮތްތަކަކީ:

1. 2007 ގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
2. 2004 ގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
3. 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް އިއްޔެ ވަނީ މިކަމާ ގުޅޭ ކެބިނެޓް ކަރުދާސް ތައްޔާރު ކުރުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި، އަދިވެސް އެ ނޫން ވެސް ފަރާތްތަކުގެ މަޝްވަރާ ވެސް ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން ހާމަކުރައްވައިފަ އެވެ.

ޕޯލަށް ހުޅުވާލެއްވި ތިން ގޮތް ހުށައެޅުއްވުމުގެ ޙިކުމަތަކީ، 18-25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން، ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ