ހިންދީ ސިނަމާގެ ރަން ޒަމާނުގައި އެންމެ ވިދި އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު މަނޯޖް ކުމާރު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އުމުރުން 87 އަހަރުގެ އެކްޓަރު މަރުވީ ސިއްހީ ހާލު ދެރަވެގެން މުމްބާއީގެ ކޮކީލާބިން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި ފަރުމާ ދެމުން ދަނިކޮށް މިއަދު ފަތިހު ކަމަށެވެ. މަނޯޖް މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
މަނޯޖްގެ ކުލަގަދަ ފިލްމީ ދަތުރުގެ ފެށުމަކީ 1957 ގެ "ފެޝަން" އެވެ. އަދި އާންމުންގެ ތެރޭގައި އޭނަ މަޝްހޫރުވެގެން ދިޔައީ ހަރިޔާލީ އޯރް ރާސްތާ (1962) އާއި ވޯ ކޯން ތީ 1964 އަދި ޝަހީދު (1965) އިންނެވެ. މަނޯޖް ކެރިއަރުގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި ހިމާލޭ ކީ ގޯދް މޭ (1965)، އުޕްރާކް (1967)، ނީލް ކަމަލް (1968)، ޕޫރަބް އޯރް ޕަސްޗިމް (1970)، ރޯޓީ ކަޕްޅާ އޯރް މަކާން (1974) އަދި ކްރަންތީ (1981) ހިމެނެ އެވެ.
ހިންދީ ސިނަމާ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފުތައް ކަމަށްވާ ޕަދްމާ ޝްރީ އާއި ދާދާ ސާހަބް ޕާލްކޭ އެވޯދް ވެސް މަނޯޖަށް އަރުވާފައިވެ އެވެ. އޭނަ އަކީ އެކްޓަރެއްގެ އިތުިރުން ޑައިރެކްޓަރެއް ވެސް މެ އެވެ.