"ފަސާދަ" ގެ ނަމުގައި މި އަހަރު ދިވެހި ސިނަމާ އަށް ފިލްމެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.
މި ފިލްމަކީ ދާދި ފަހުން މީޑިއާނެޓުން ގެނެސްދިން އެއްކާފް ޕްރޮޑަކްޝަންގެ މަގުބޫލު ސީރީޒް "ހިންތާ" ގެ ޓީމުން ގެނެސްދޭ ސައިކޮލޮޖިކަލް ތުރިލާއެކެވެ. އެގޮތުން "ފަސާދަ" އަކީ އެ ސީރީޒް ވެސް ލިޔުނު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، އޭގެ ޑައިރެކްޓަރު ރަވީ ފާރޫގް ހަދާ ފިލްމެކެވެ.
"ފަސާދަ" މައިގަނޑު ތަރިއަކީ މިހާރު ގިނަ އުފެއްދުންތަކުން ފެންނަމުން އަދި ކުރިއަމުން އަންނަ އުންމީދީ އެކްޓަރު މޫސާ އަލީފެވެ.
މި ފިލްމު މި އަހަރު ބެލުންތެރިންމަށް ގެނެސްދޭން ނިންމި ނަމަވެސް ފިލްމު ޕްރީމިއާ ކުރާނެ ތާރީހަކާއި މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް "ފަސާދަ" އަކީ ރަވީ ޑައިރެކްޓްކުރާ ފިލްމަކަށްވާތީ މިއަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.
އޭނަ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ވިޝްކާ" ގެ އިތުރުން ބައިސްކޯފްގެ ސީރީޒް "އެހެނެސް" ވެސް ޑައިރެކްޓަރެވެ. "ފަސާދަ" ގެ އިތުރުން މި އަހަރު ރަވީ ޑައިރެކްޝަންގައި ހިއްސާވާ އެހެން ފިލްމެއް ވެސް ބެލުންތެރިންނާ ހަމައަށް އަންނާނެ އެެވެ. އެއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ޕްރޮޖެކްޓް 37" އެވެ.
ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑްކްޝަން މަރުހަލާގައި އޮތް އެ ފިލްމުގައި ރަވީ ރޯލެއް ވެސް ކުޅެފައިވާ އިރު، އެ ޑައިރެކްޓްކޮށްފައި ވަނީ އޭނަ އާއި އަލީ ޝިފާއު (ޗިއްޕެ) އެވެ. "ޕްރޮޖެކްޓް 37" ގެ ރަސްމީ ނަމާއި ފިލްމު ގެނެސްދޭނެ ތާރީހެއް ޑާކް ރެއިނުން އަދި އިއުލާނެއް ނުކުރެ އެވެ.
އެއްކާފު އިން މި އަހަރު "ފަސާދަ" ގެނެސްދޭ އިރު، އެ ސްޓޫޑިއޯ އިން ކުރިން ވެސް ފީޗާ ފިލްމެއް ގެނެސްދީފައިވެ އެެވެ. އެެއި މަރިޔަމް މަޖުދާ (މަޖޫ) ޓައިޓްލް ރޯލު ކުޅުނު 2021 ގެ ޕޮލިޓިކަލް ތުރިލާ "މަރްޔަމް" އެވެ. އެ ފިލްމު ޑައިރެކްޓްކުރީ މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) އެވެ.