އުނގެނޭ އިލްމާއި އެއްގޮތަށް އަމަލުކުރާ ފަރާތަކަށް މަންފާ ބޮޑުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "އިލްމު އުނގެނުމުގެ މާތްކަން"، މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ބުނީ މާތްالله އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން ކަމަށެވެ. އެގޮތުން ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ އިލްމު ކަމަށާއި ނަބީބޭކަލުންގެ ވާރިޘުންނަކީ އިލްމުވެރީން ކަމަށްވެސް ބުނެފައިވެ އެވެ.
މާތްﷲ އިލްމުވެރީންނަށް ޚާއްސަކަމެއް ދެއްވައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އުނގެނުނު އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށެވެ. އަދި އެއާ ޚިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
އިލްމުގެ މަގާމު މަތިވެރި ކަމަށާއި، އިލްމު އުނގެނުމަށް، ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރު އެޅުއްވެވި ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތު ކުރެއްވުމުން އެކަން ދޭހަވާ ކަމަށް ޚުތުބާގައި ބުންޏެވެ.
އަދި އަހަރެމެންގެ ތެރޭގައި އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށާއި، އަހަރެމެންގެ އުމުރުން ކޮންމެ ދުވަހަކީ ވެސް އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެހެނީ އިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާއާއި ލާބަހުރި ކަމަކަށްވާތީކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ. އަދި އެއީ އިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ އިލްމެއްގެ ފައިދާ ކުރާނެތީ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.