ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުޓްބޯލް ފޯ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.
ފުޓްބޯލް ފޯ ޕީސްގެ ފަރާތުން ރައީސަށް މަރުޙަބާ ވިދާޅުވީ އެ ޖަމިއްޔާގެ ކޯ-ފައުންޑާ، ކާޝިފް ސިއްދީޤީއާއި، ބްރެޑްފާޑް ސިޓީ އޮފް ކަލްޗާ 2025ގެ ސީއީއޯ، ޝާހްނާޒް ގުލްޒާރެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، ޔުނިވަރސިޓީ ޕީސް ސެންޓަރގައި ފުޓްބޯލް ފޮރ ޕީސްއިން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު، ރައީސަށް އަރުވާފައިވާ ކަމަށެވެ. އަދި އެ ސެންޓަރުގެ ފުޓުބޯޅަ ދަނޑުތައް ބައްލަވާލައްވައި، އެ ވަގުތު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދިޔަ ޒުވާނުންނާ ރައީސް ވަނީ ބައްދަލުކޮށްލައްވާފަ އެވެ.
ފުޓްބޯލް ފޮރ ޕީސްއަކީ، ފުޓުބޯޅައިގެ ޒަރިއްޔާއިން އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމަށް އދގެ އޮފީސް ފޮރ ސްޕޯރޓްސް ފޮރ ޑިވަލޮޕްމަންޓް އެންޑް ޕީސްގެ އެހީތެރިކަމާއެކު ހިންގާ، ބައިނަލްއަޤުވާމީ އެންޖީއޯ އެކެވެ. އެ ޖަމިއްޔާ އަކީ ޞުލްޙަ ކުރިއެރުވުމާއި، ޝާމިލު އިޖުތިމާޢީ ވެއްޓަކަށް ތާޢީދުކުރާ، ސްޕޯޓްސް ޑިޕްލޮމެސީ އާއި ދޭސީ ޕްރޮގްރާމްތަކުގެ ތެރެއިން އެކި ފަންތީގެ މީހުން ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.