Last Updated: April 11, 10:39
Friday, April 11, 2025
މުނިފޫހިފިލުވުން

އާ ޖޭމްސް ބޮންޑަކީ ރަންބީރް!

ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ޖޭމްސް ބޮންޑް" ގެ އާ ފިލްމުގެ ބަތަލަކީ ބޮލީވުޑްގެ އެކްޓަރު ރަންބީރް ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮންޑް ސީރީޒްގެ 26 ވަނަ ފިލްމުގެ ޕްލޭންކޮށްފައި އޮތް ގޮތުން އަންނަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. އެހެންވެ އާ ބޮންޑަކީ ރަންބީރްކަން ވަރަށް އަވަހަށް އިއުލާން ވެސް ކުރާނެ އެވެ.

މިއީ ތެދަކަށްވެއްޖެ ނަމަ މި ފިލްމު ވާނީ ރަންބީރްގެ ފުރަތަމަ ހޮލީވުޑް ފިލްމަށެވެ

އިނގިރޭސި ޖާސޫސީ އެޖެންޓް، ޖޭމްސް ބޮންޑްގެ 25 ފިލްމު މިހާތަނަށް ގެނެސްދީފައިވާ އިރު، މިހާތަނަށް އެ ރޯލު ކުޅެފައި ވަނީ މުޅިން ވެސް އިނގިރޭސި އެކްޓަރުންނެވެ. އެގޮތުން ބޮންޑްގެ ސީރީޒްގެ އެންމެ ފަހުގެ ފަސް ފިލްމުގައި ޓައިޓްލް ރޯލު ކުޅުނީ ޑެނިއަލް ކްރެއިގެވެ. ދެހާސް އެކާވީހުގައި ގެނެސްދިން 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު އޭނަ ވަނީ ބޮންޑްގެ ރޯލަށް އަލްވަދާއު ކިޔައިފަ އެވެ.

އެހެންވެ ދެން ބޮންޑްގެ ރޯލަށް ނަގައިފާނެ ކަމަށް ބުނެ މިހާތަނަށް އެތައް ނަމެއް ތިލަވެފައިވެ އެވެ.

ނަމަވެސް އެމްޖީއެމުން ގެނެސްދެމުން އައި މި ފްރެންޗައިޒްގެ ރައިޓްސް މިހާރު އެމެރިކާގެ އެމެޒޯން އަށް ދީފައިވާތީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ބޮންޑްއާ ބެހޭ ގޮތުން އެންމެ ބޮޑަށް ދެކެވެމުން އައި ވާހަކަ އަކީ މީގެ ކުރިއަށް އޮތް ފިލްމަށް އިނގިރޭސި ނޫން އެކްޓަރަކު ނަގައިފާނެކަމުގެ ވާހަކަ އެވެ.

އެގޮތުން 26 ވަނަ ފިލްމުން އެމެރިކާގެ އެކްޓަރު ފެނިދާނަމުގެ ވާހަކަތަކެއް ވެސް ދެކެވިފައިވެ އެވެ.

އެކަމަކު މިހާރު ހޮލީވުޑް ފިޔަވައި ދެން އެންމެ މަޝްހޫރު ފިލްމު އިންޑަސްޓްރީ ކަމަށްވާ ބޮލީވުޑްގެ އެކްޓަރަކު ލައްވައި ބޮންޑްގެ ރޯލު ކުޅުވަން ނިންމާފައިވާ ކަމަށް ވާހަކަ ދެކެވޭތީ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ 26 ވަނަ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަންބީރަކީ މިހާރު ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް އެކްޓަރުކަމެވެ. ދެހާސް ތޭވީހުގައި ރިލީޒްކުރި "އެނިމަލް" ގައި ކުޅުނު ރޯލުގެ ސަބަބުން އޭނަގެ އެކްޓިން އަށް ގިނަ ބައެއް ސަމާލުކަން ވެސް ހުއްޓިފައިވެ އެވެ. ރަންބީރް މިހާރު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައވާ ހުރާފީ ފިލްމު "ރަމާޔަން" އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ލޯބީގެ ފިލްމު "ލަވް އެންޑް ވޯ" އެވެ.

ރަންބީރް ހޮލީވުޑަށް ދާން ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަގެ އަންހެނުން މަޝްހޫރު ބަތަލާ އާލިއާ ބަޓް ވެސް ހޮލީވުޑްގެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ ޑައިރެކްޓަރު ޓޮމް ހާޕާގެ 2023 ގެ ސްޕައި އެކްޝަން ތުރިލާ "ހާޓް އޮފް ސްޓޯން" އެވެ. އޭގެ ކާސްޓްގައި ޖެމީ ޑޯނަން (ފިފްޓީ ޝޭޑްސް އޮފް ގްރޭ) އާއި ގެލް ގެޑޯ (ވޮންޑަ ވުމަން) ވެސް ހިމެނެ އެވެ.