Last Updated: April 5, 13:37
Saturday, April 5, 2025
ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށް އަވަހަށް ފައިސާ ލިބޭނެ ގޮތް ހަދަނީ

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އަވަހަށް ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކަށް އައިސްފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ރެސްޕޮންސް ދަށްވުމާއި އީމެއިލްތަކަށް ޖަވާބު ދިނުން ލަސްވުން ފަދަ ކަންކަން ކަމަށާއި އެ ކަންކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

މިއީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލުކޮށް ފަސޭހަތައް ދަރިވަރުންނަށް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަވަސްކޮށް ޖަވާބު ދިނުމާއި އަވަހަށް އޮންޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުން ވިޔަސް ކަންކަން، މިކަންކަން ރަނގަޅުކޮށްދިނުމުގެ ކަންތައް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ މުހިއްމު ކަމާއި ކިޔަވަން ތިބޭ ދަރިވަރުންނަށް އޭގެއިން ދިމާވާނެ ދަތިތައް ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ ކަމަށެވެ. އަދި ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ދިމާވާ ދަތިތަކުގައި ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް އިސްކަންދީގެން ކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާކަމުގެ ޝަކުވާ އެ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ. އެގޮތުން މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް ފޮނުވާ ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ނުލިބޭ ކަމުގެ ޝަކުވާ ވެސް ދަރިވަރުން އަންނަނީ ކުރަމުންނެވެ.