ބޮލީވުޑްގެ އެކްޓަރު ވިކީ ކޯޝަލް ފިލްމެއްގައި ޖާދޫގަރެއްގެ ރޯލު ކުޅެން ސޮއިކޮށްފި އެވެ.
"އޭކް ޖާދޫގަރް" ގެ ނަން ދީފައިވާ މި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް ވަނީ އިއްޔެ އާންމުކޮށްފަ އެވެ. މީގެ ޑައިރެކްޓަރަކީ މީގެ ކުރިން ވެސް ވިކީއާ އެކު ފިލްމެއް ގެނެސްދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ޝޫޖިތު ސިރްކާ އެވެ. އޭނަ ވިކީއާ އެކު ގެނެސްދިން ފުރަތަމަ ފިލްމަކީ 2021 ގެ ތާރީހީ ބައޮގްރަފިކަލް ޑްރާމާ "ސަރުދާރު އުދަމް" އެވެ. އެއީ ފަސް ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ.
"ސަރުދާރު އުދަމް" އިން ވިކީ އަށް އައިފާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި ފިލްފުމެއާގެ ކްރިޓިކުންގެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.
ޝޫޖިތުގެ ދެވަނަ ފިލްމެއް ވިކީ އަށް ލިބުނު އިރު، އޭނަ މިހާރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގެ މަސައްކަތް ކުރަމުންނެވެ. މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ބޮޑު ހިޓް ކަމަށްވާ ތާރީހީ ހަނގުރާމަ ފިލްމު "ޗާވާ" އެވެ.
"ވިކީ ޑޯނާ" އާއި "ޕީކޫ" އަދި "އޮކްޓޯބާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޝޫޖިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަބީޝެން ބައްޗަނާ އެކު ގެނެސްދިން "އައި ވޯންޓް ޓު ޓޯކް" އެވެ.