Last Updated: April 7, 09:03
Monday, April 7, 2025
ދުނިޔެ

ޔޫކޭގެ ދެ އެމްޕީއަކު އިޒްރޭލުން ހިފަހައްޓައިފި

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރަކު އެ މީހުންގެ އެހީތެރިންތަކަކާ އެކު އިޒްލޭލަށް ވަޑައިގަތުމުން އެތެރެވިޔަ ނުދީ ހިފަހެއްޓުމާ ގުޅިގެން އިނގިރޭސި ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި އިޒްރޭލަށް ދަތުރު ކުރެއްވި ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ އަންހެން ދެ އެމްޕީއެކެވެ. އެއީ އިނގިރޭސިލާތުގެ ޝެފީލްޑް ސެންޓްރަލް ތަމްސީލު ކުރައްވާ މެމްބަރު އަބްތިސަމް މުހައްމަދާއި އާލީ ތަމްސީލު ކުރައްވާ ޔުއާން ޔޭންގް އެވެ. އެ މީހުން އިޒްރޭލަށް އެތެރެވިޔަ ނުދީ އިމިގްރޭޝަނުން ވަނީ ހިފަހައްޓައިފަ އެވެ.

އެކަމާ ގުޅިގެން އިޒްރޭލުން ބައެެއް މީޑިއާތަކުން ބުނީ ދެ އެމްޕީން ހިފަހެއްޓީ އިޒްރޭލާ ގުޅޭ ގޮތުން ނަފުރަތު އުފައްދަން އުޅޭތީ ކަމަށެވެ.

އެމްޕީން އެތެރެވިޔަ ނުދީ ހިފަހެއްޓި މައްސަލައިގައި ކަންވޮޑުވުން ފާޅުކުރައްވައި އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ބަލައިގަނެނޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ލެމީ ވިދާޅުވީ އިނގިރޭސިވިލާތަކީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ބާރު އަޅާ ގައުމެއް ކަމަށާއި އެފަދަ އެއްބަސްވުމަކަށް ދާން އެ ގައުމުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިޒްރޭލުގެ އިންޓީރިއާ މިނިސްޓަރު މޯޝީ އަރްބެލް ބުނީ އިނގިރޭސި އެމްޕީންތަކެއް ރަސްމީ ދަތުރެއްގައި އިޒްރޭލަށް ވަޑައިގަންނަވާކަން ރަސްމީކޮށް އަންގާފައި ނެތް ކަމަށެވެ. އަދި އެމްޕީންތަކެއް ހިފަހެއްޓި ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށް އޭނަ ބުންޏެވެ.