Last Updated: April 7, 09:03
Monday, April 7, 2025
ޚަބަރު

ކުޅިވަރުގެ ތެރެއިން ހަމަޖެހުމާއި ބާރުވެރިކަން ހޯދޭނެ

ކުޅިވަރުގެ ތެރެއިން ސުލްޙަ އާއި އަމާންކަމާއި ބާރުވެރިކަން ހޯދޭނެ ކަމަށާއި އަމާޒަކީ އެ މަގަށް މަސައްކަތް ވެސް ކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ އެމަނިކުފާނުގެ ތަސައްވުރަކީ ކުޅިވަރުގެ ތެރެއިން ސުލްޙަ އާއި ހަމަހަމަ ފުރުސަތުތަކާއ ބާރުވެރިކަން ހޯދުމަށްޓަކައި މަސައްކަތް ކުރުން ކަމަށެވެ.

އަދި ރާއްޖެ އިން ކުޅިވަރު ތަރައްގީ ކުރުމުގެ 20 އަހަރުގެ ގައުމީ ޕްލޭނަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިއީ ކޮންމެ މީހަކަށް ވެސް ކުޅިވަރުގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ފަހިކޮށް ދިނުމަށް ކުރެވޭ ދިގު މުއްދަތުގެ މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ހަމަހަމަ މުސްތަގުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުން ވެސް މުހިންމު ކަމަށެވެ.

"އިންޓަނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" އަކީ މުޖުތަމަޢުގެ ތަރައްގީ އާއި ހަމަޖެހުމުގައި ކުޅިވަރުގެ ބާރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި އަހަރުގެ މިދުވަހުގެ ޝިއާރަކީ "ލެވެލިން ދަ ޕްލޭއިން ފީލްޑް: ސްޕޯޓްސް ފޯ ސޯޝަލް އިންކްލޫޝަން" އެވެ.