ދިރާސީ އާ އަހަރު މާދަމާ ފަށަން ތައްޔާރުވަމުން އަންނަ އިރު، އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ބެލެނިވެރިންގެ އެހީގައި އެ ސްކޫލްގެ އެސެމްބްލީ ގްރައުންޑްގައި ޓާފް އަޅައި ދީފި އެވެ.
ޕީޓީއޭ އިން ކޮށް ދިން މި މަސައްކަތަށް އެ ސްކޫލްގެ ފަރާތުން ޝުކުރު އަދާކޮށް ބުނީ ޕީޓީއޭ އަކީ އަބަދު ވެސް ޝަރަފުއްދީންގެ ތަރައްގީ އާއި ކުރިއެރުމުގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށެވެ. އެ ސްކޫލުން ބުނީ އެސެމްބްލީ ގްރައުންޑްގައި ޓާފް އެޅުމަކީ ވަރަށް ޒަމާންވީ ހުވަފެނެއް ކަމަށާއި ޕީޓީއޭގެ އިސް ނެގުމަށް އެކަން ހަގީގަތަކަށްވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކީގައި ކަމަށެވެ.
ޓާފް އަޅާފައި ވަނީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ސަންޝެލް މޯލްޑިވްސް ފަންނާނީ ލަފަ އާއި އިރުޝާދުގެ ދަށުންނެވެ.
އެސެމްބްލީ ގްރައުންޑް ޓާފް އަޅަން ކުރި މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލެވިފައިވާތީ ޝަރަފުއްދީން ސްކޫލުން އައްޑޫ މޭޔަރު އަލީ ނިޒާރާއި ކައުންސިލަށް ވެސް ޝުކުރު އަދާކޮށްފައިވެ އެވެ.
ޝަރަފުއްދީން ސްކޫލަކީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލް ހިންގަނީ ކުރީގެ ސަދަން ސެކަންޑްރީ ސްކޫލާއި އެތަނާ އިންވެގެން ހުންނަ ކުރީގެ ސ. އަތޮޅު ތައުލީމީ މަރުކަޒު ހިންގި އިމާރާތް އެއްކޮށްލައިގެންނެވެ.