ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުޙައްމަދު ވަހީދު ވަކިކޮށްފި އެވެ.
އެކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހިއްސާކުރި ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ވަހީދަކީ މިދިޔަ އަހަރު ފެންމަތިވި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ބޯޑުން ސަސްޕެންޑުކޮށް، ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން އެކެކެވެ.
ނަމަވެސް އެ މީހުންގެ ޕާސްޕޯޓް މިދިޔަ މަހުގެ ތެެރޭގައި ވަނީ ދޫކޮށްލައިފަ އެވެ.
އެޗްޑީސީގެ ބޯޑުން ޑިރެކްޓަރަކު ވަކިކުރި އިރު، ކުރިން ބޯޑްގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ނާސިފް މިދިޔަ މަހު ކުރީކޮޅު ބޯޑުން ވަކިކޮށް ވެމްކޯގެ ޗެއާމަނަކަށް ބަދަލުކޮށްފައިވެ އެވެ.
އެޗްޑީސީން ފެންމަތިވި ގޯތި މައްސަލައާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު ޑިސެމްބަރު މަހުގެ ތެރޭގައި ސަސްޕެންޑްކޮށްފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުން އާ އެމްޑީއަކަށް އައްޔަންކޮށްފައި ވަނީ މައުރޫފް ޖަމީލެވެ.