Last Updated: April 7, 10:42
Monday, April 7, 2025
މުނިފޫހިފިލުވުން

ނޯލަންގެ ފިލްމެއް ވަރަށް ބޭނުން: ރިތިކް

ވަރުގަދަ ފިލްމުތަކެއް ގެނެސްދީފައިވާ ހޮލީވުޑްގެ ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން ބުނެފި އެވެ.

އޭނަ ފިލްމު ކުޅެން ފެށިތާ މި އަހަރަށް 25 އަހަރު ފުރިފައިވާތީ އެކަން ފާހަގަކުރަން މިހާރު އެމެރިކާ އަށް ބާއްވަމުން އަންނަ ޓުއާގައި އިއްޔެ އެޓްލާންޓާގައި ބޭއްވި އިންޓެއްގައި 51 އަހަރުގެ އެކްޓަރު ބުނީ އިނގިރޭސިވިލާތަށް އުފަން ނޯލަން އަކީ ވަރަށް ފެވަރިޓް ޑައިރެކްޓަރެއް ކަމަށެވެ.

"އެހެންވެ ވަރަށް ބޭނުން އޭނައާ އެކު މަސައްކަތްކޮށްލަން." 2000 ވަނަ އަހަރުގެ "ކަހޯ ނާ…ޕިޔާރު ހޭ" އިން ތައާރަފުވި ރިތިކް ބުންޏެވެ.

'މެމެންޓޯ" އާއި "އިންސޯމްނިއާ" އާއި "އިންސެޕްޝަން" އަދި "ޓެނެޓް" ފަދަ ފިލްމުތައް ގެނެސްދިން ނޯލަންގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "އޯޕަންހީމާ" އެވެ. އޭނަ މިހާރު އަންނަނީ "ދި އޮޑިސީ" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ބެލުންތެރިންނަށް ދޫކޮށްލާނީ އަންނަ އަހަރުގެ ޖުލައިގަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރިތިކްގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ. ރިތިކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ފައިޓާ" އިންނެވެ. އޭނަ މިހާރު އަންނަނީ އަމިއްލަ ސުޕަހޯރީ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައި ޑައިރެކްޓްކުރަން ވެސް ތައްޔާރުވަމުންނެވެ.