އިންޓަގްރޭޓަޑް ޓޫރިޒަމަށް ހުވަދުއަތޮޅު ދެކުނުބުރީ ކަޑެވާރެހާ ތަރައްޤީކުރުމަށްޓަކައި އެ އަތޮޅު ހޯނޑެއްދޫގެ އިޚްތިޞާޞުން އެރަށް ވަކިކޮށް، ގދ. ހޯނޑެއްދޫގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމަވާފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56-1 ވަނަ މާއްދާގެ (ހ) އިން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު މިއަދު ނެރުއްވި، ގަރާރުންނެވެ.
ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ.
ކަޑެވާރެހާ ޓޫރިޒަމަށް ހާއްސަ ކުރުމަށް ކުރަންޖެހޭ ކަންތައް ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.