Last Updated: April 7, 18:07
Monday, April 7, 2025
ޚަބަރު

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ބުނީ ޝަމްއާންގެ ބަންދަށް ޖެހި 15 ދުވަސް ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އަދި އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.