އިންކަމް ޓެކްސް ހުށަހަޅަން ޖެހޭ ފަރާތްތަކަށް އެ ޓެކްސް ހުށަހަޅަން އެހީތެރިވެ ދޭން މީރާ ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
މިއަދު ފެށި މި ޕްރޮގްރާމް ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 15 އާ ހަމައަށެވެ.
އެހެންވެ މިދިޔަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން 10 މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އެހީތެރިވެ ދިނުމަށް ހަމަޖެހިފައި ވަނީ ފޯނާއި އީމެއިލާއި އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ޓެކްސް ދައްކަން ޖެހޭ އާމްދަނީގެ ތެރޭގައި ވިޔަފާރި އާމްދަނީ، އުޖޫރަ އަދި އެ ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ބާވަތްތަކުގެ އާމްދަނީ ހިމެނެ އެވެ.
އެހެންވެ މިދިޔަ އަހަރު 10 މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރު ކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، މިދިޔަ އަހަރަށް އެ ފަރާތުން ހުށަހަޅާ އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ނަމަ، މީރާގެ 9821415 ނަންބަރަށް ވައިބަ މެދުވެރިކޮށް މެސެޖްކޮށްގެން ނުވަތަ މީރާގެ އީމެއިލް އަށް engagement@mira.gov.mv މެއިލްކޮށްގެން ކުރައްވައިގެން ނުވަތަ މީރާގެ ހޮޓްލައިން 1415 އަށް ގުޅައިގެން ނުވަތަ މީރާ ވެބްސައިޓުގެ ލައިވް ޗެޓް ފަންކްޝަން މެދުވެރިކޮށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ.
މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 30 ޖޫން އެވެ.
އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ފަރާތެއްތޯ މި ލިންކް www.mira.gov.mv/Guides/View/income-tax-requirement-2024 މެދުވެރިކޮށް ބަލާލެވޭނެ އެވެ.