Last Updated: April 8, 17:26
Tuesday, April 8, 2025
ދުނިޔެ

ރޭޕްގެ ތުހުމަތުގައި ޔޫކޭގެ އެމްޕީއަކު ހައްޔަރަށް

ކުޑަކުދިންތަކެއް ރޭޕްކުރިކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ވެރިކަން ކުރާ ލޭބާ ޕާޓީ އަށް ނިސްބަތްވާ ޑޭން ނޮރިސް އެވެ.

އޭނަގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން މިހާރު ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އުމުރުން 65 އަހަރުގެ ނޮރިސް އަކީ އިނގިރޭސިވިލާތުގެ ގާނޫނު މަޖިލިސް، ހައުސް އޮފް ކޮމަންސްގައި ނޯތު އީސްޓް ސޮމަަސެޓް/ހެހަމް ތަމްސީލުކުރައްވާ މެންބަރެވެ. އެ ދާއިރާ އަށް އޭނަ އިންތިހާބުވީ މިދިޔަ އަހަރު އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ކުޑަކުދިން ރޭޕްކުރުމާއި ނާޖާއީޒު ގޮތުގައި ކުޑަކުދިންގެ ބޭނުން ހިފައި، އެ ކުދިންނާ އެކީ ގުޅުން ހިންގާފައިވާކަމުގެ ތުހުމަތުތަކާ ގުޅިގެން ނޮރިސް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

ނޮރިސް އަކީ 1997-2010 އަށް ވެސް މެންބަރުކަންކޮށްފައިވާ މީހެކެވެ. އަދި ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުންގެ ދައުރުގައި އޭނަ ޖޫނިއާ މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ވެސްޓް އިންގްލޭންޑްގެ މޭޔަރުގެ މަގާމި ވެސް ނޮރިސް އަދާކޮށްފައިވެ އެވެ.